އެލްޖީއޭގެ ބޯޑުގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 1 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެލްޖީއޭއަކީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ އޮތޯރިޓީއެކެވެ. މިހާރު އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އަދި އެ އޮތޯރިޓީގެ ސީއީއޯއަކީ މުޙައްމަދު ނިމާލެވެ.

މީގެ އިތުރުން، އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 31 ގައި ބާއްވަން ހަމަޖެހިފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް