ސްޓެލްކޯއިން ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ

ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެންމެހައި މަސައްކަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.

އެ ސިޓީގައި މީގެކުރިން ކަރަންޓުގެ ޚިދުމަތް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވެސް ޑރ. އަޒުވަރު ވަނީ އެދިވަޑައިގެންފައެވެ.

ޚިދުމަތާ ރަސްމީކޮށް ހަވާލުވުމަށްފަހު، ޑރ. އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ އެ ސިޓީގެ އޮފީހާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އިންޖީނުތަކުގެ ހާލަތާއި ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ޑރ. އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމުގެ މުހިންމުކަން އެމްޑީ ފާހަގަކުރެއްވިއެވެ. އަދި މަސައްކަތުގެ މާހައުލުގައި އަޚްލާޤާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ކުންފުނީގެ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވެސް މުވައްޒަފުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ދަށުގައިވާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ، ކުންފުނިތައް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް އިތުބާރުހުރި ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ފެނަކައިގެ ދަށުން ރަށްރަށުގައި ދެމުން އައި އަސާސީ ޚިދުމަތްތަކާ ސްޓެލްކޯއިން އަންނަނީ މަރުޙަލާތަކަކަށް ބަހާލައިގެން ހަވާލުވަމުންނެވެ. އެގޮތުން، މީގެ ކުރިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާއި، ހއ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ވެސް ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް