ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ، ބަކީޗާގެ އަހްމަދު ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޝަފްނީޒް އެ މަގާމަށް އައްޔަންކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ވަނީ ފޮނުއްވާފައެވެ. އެއީ ސ. ހުޅުދޫ، ބަކީޗާގެ އަހްމަދު ޝަފްނީޒް، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި، ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާއެވެ.

މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ކޮމިޓީގެ މެންބަރުން މާކްސް ދެއްވިއެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ ޝަފްނީޒަށެވެ. ޝަފްނީޒަށް ލިބުނީ 96.20 ޕަސެންޓް މާކްސްއެވެ.

އެހެންކަމުން، އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ކޮމިޓީން ފާސްކޮށް، މި މައްސަލަ ދިރާސާކުރި ރިޕޯޓު ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވާފައެވެ. މިއަދު މަޖިލީހުން ފާސްކުރީ، ކޮމިޓީ ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އަހައިގެންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެމަތިން، މީރާގެ ކޮމިޝަނަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ، އެ މަގާމުތަކަށް އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ރިއެކްޝަންސް

ކޮމެންޓް