ދިވެހިރާއްޖޭގައި ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ފެންވަރު އެއްގޮތްކޮށް ހަރުދަނާކުރުމަށްޓަކައި، ގައުމީ ފެންވަރުގެ އޮނިގަނޑެއް އެކުލަވާލައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ލިޔެކިޔުންތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި އުސޫލުތައް އެކަށައެޅުމަކީ ރާއްޖޭގެ ލޭ އެޅުމުގެ ހިދުމަތް އައު ހަރުފަތަކަށް ގެންގޮސް، ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް އެޅުނު ނުހަނު މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، މި ބަދަލަކީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގައުމީ ސިއްހި ނިޒާމަށް އާންމުން ކުރާ އިތުބާރު އިތުރަށް ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އަލަށް ތައާރަފުކުރެވުނު "ނޭޝަނަލް ސްޓޭންޑަރޑްސް ފޯރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ ރާއްޖޭގެ ހުރިހާ ބްލަޑް ބޭންކުތަކާއި، ލޭ އެޅުމުގެ ހިދުމަތް ދޭ އެންމެހައި މަރުކަޒުތަކުގެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން އެއް މިންގަނޑެއްގައި ދެމެހެއްޓުމަށް އެކުލަވާލެވިފައިވާ ގައުމީ އޮނިގަނޑެކެވެ. މީގެއިތުރުން، "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ދަށުން، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަތުމާއި، ލޭ ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކުރުމަށްޓަކައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ.
މި ލިޔެކިޔުންތައް އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކަށާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރުން ވެދެއްވި ފަންނީ އެހީތެރިކަން ފާހަގަކޮށް، ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.



