ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ރާއްޖޭގައި ކުރިއަށްދާ އެއާޕޯޓް މަޝްރޫއުތަކާ ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. މެންބަރު ޝަމްހީދު ވަނީ އަމަލީ މަސައްކަތް ހިނގަމުންދާ އެއާޕޯޓްތަކުގެ އަދަދާއި، އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ފައިސާގެ ތަފްސީލު ސާފުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، ކޮންޓްރެކްޓް ކުރެވިގެން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދަނީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން ހދ. މަކުނުދޫ، ފ. މަގޫދޫ، ރ. އަލިފުށި އަދި ލ. އިސްދޫ-ކަލައިދޫ އެއާޕޯޓް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްދޫ-ކަލައިދޫ އެއާޕޯޓާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ މަޝްރޫއު މިހާތަނަށް ކޮންޓްރެކްޓް ކުރެވިފައި ނުވިނަމަވެސް، އެކަމަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިގެން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ހއ. ދިއްދޫ، ށ. މިލަންދޫ، ފ. ނިލަންދޫ، ތ. ވިލުފުށި އަދި ތ. ގުރައިދޫ ފަދަ ރަށްރަށުގައި ބިން ހިއްކައިގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ އެއާޕޯޓް މަޝްރޫއުތަކަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއުތަކެއްކަން ވަޒީރު ވަނީ ސާފުކޮށްދެއްވާފައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ އެއާޕޯޓްތައް ތަރައްގީކުރުމުގެ އިތުރުން އާރްޓީއެލް ފެރީގެ ޚިދުމަތްވެސް އެކި އަތޮޅުތަކަށް ފުޅާކުރަމުންނެވެ.



