ޑޮލަރު ހޯދުމަށް ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

ޑޮލަރު ހޯދުމަށް ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ އަގު ދަނީ ހައްތަހާ މައްޗަށް ކަމަށާއި، ބޭންކު އެކައުންޓުތަކުގައި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރުކުރެވޭނެ ގޮތެއް މިއަދު ނެތް ކަމަށެވެ.

މި ދަތިކަމުގެ ސަބަބުން އެންމެ ބޮޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވަނީ ކުދިން ކިޔެވުމަށްޓަކައި ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ގިނަ ވިޔަފާރިވެރިންނަށް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކަށް ހާލަތު މިވަނީ އިންތިހާއަށް ދަތިވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަހުވެސް ރާއްޖެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސުވަޕް އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ ޤައުމުން އިތުރުކޮށްދިނުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިފަދަ ހާލަތެއްގައި އޮތްއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅާ ގުޅުވައި، ނަޝީދު ވަނީ ސަރުކާރުގެ އިޤްތިޞާދީ މިސްރާބާ މެދު ސުވާލު އުފައްދަވާފައެވެ. ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާނީ މިމަހުގެ 20 ގައެވެ.

ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެގޮތުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމަށް ވެއްދުމުގެ ގޮތުން އެމްއެމްއޭ މެދުވެރިކޮށް އައު ގަވާއިދުތަކަށް އަމަލުކުރަން ފަށައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް