މަޖިލިސް މެންބަރުންގެ އިންޝުއަރެންސަކީ ދައުލަތަށް ބުރަ ކުޑަ ނިޒާމެއް: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖަކީ، އާސަންދައާ އަޅާބަލާއިރު ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަ ނިޒާމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، މަޖިލިސް މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދެމުންގެންދާ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނަށް، މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، އިންޝުއަރެންސް ކުންފުންޏަށް ކޮންމެ މެންބަރަކަށް ދައުލަތުން އަހަރަކު ދައްކަނީ 24،000 ރުފިޔާ ކަމަށާއި، އޭގެ އިތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ކަމަށެވެ. އިންޝުއަރެންސް ޕެކޭޖުގެ ދަށުން މެންބަރަކަށް އަހަރަކު 1.35 މިލިއަން ރުފިޔާގެ ހިދުމަތް ލިބުނު ނަމަވެސް، އެއީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއް ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ.

ނަމަވެސް، އާސަންދަ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް ހަރަދުކުރަނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށާއި، ކެންސަރު ފަދަ ބޮޑު ބައްޔެއް ޖެހިއްޖެ ރައްޔިތަކަށް އަހަރަކު ހަ މިލިއަން ރުފިޔާވެސް ހަރަދުވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބޭސްފަރުވާއަށް މެންބަރުން ބޭރަށް ދާއިރު ޓިކެޓާއި، ހުރުމާއި ކެއުމުގެ ހަރަދު ދައުލަތުން ނުދޭ ކަމަށާއި، އަމިއްލަ ޖީބުން ހޮސްޕިޓަލަށް ފައިސާ ދައްކައި ބިލުތައް މަޖިލީހަށް ހުށަހެޅުމުން ފައިސާ ލިބެނީ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އާންމު ރައްޔިތަކަށް ނުލިބޭ އެއްޗެއް މަޖިލިސް މެންބަރަކަށް ވާތީ ލިބެން ޖެހޭނެ ކަމަށް އޭނާ އެއްވެސް އިރެއްގައި ތާއީދު ނުކުރާ ކަމަށެވެ. ނަމަވެސް، މި ޕެޓިޝަން ހުށަހަޅާފައިވަނީ ކަން އޮތް ގޮތް ރަނގަޅަށް އޮޅުން ނުފިލުވައި، ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، މެންބަރުންނަށް ހެލްތު އިންޝުއަރެންސާއި މުސާރަ ނުލިބުނަސް އުޅެވިދާނެ ކަމަށާއި، ނަމަވެސް ދައުލަތް ހިންގުމުގައި ވަކި އޮނިގަނޑަކާއި އުސޫލުތަކެއް އޮންނަން ވާނެ ކަމަށެވެ. ސަރުކާރުން މެންބަރެއްގެ ބޭސްފަރުވާއަށް މަހަކު ހޭދަކުރަނީ 2،000 ރުފިޔާ ކަމަށާއި، މެންބަރުން އާސަންދައަށް ވަދެއްޖެނަމަ ދައުލަތުން ކުރަން ޖެހޭ ހޭދަ މާ ބޮޑުވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދެވެ. 7،225 މީހުން ސޮއިކުރި މި ޕެޓިޝަނަކީ ދެވަނައަށް އެންމެ ގިނަ މީހުން ސޮއިކުރި އީ-ޕެޓިޝަނެވެ. ޕެޓިޝަނަށް ބަހުސްކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން، މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށާއި، އެ ބޭފުޅުންގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތަކުން ފަރުވާ ލިބޭ އިންޝުއަރެންސް ލިބެއެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް ދައުލަތުގެ ބަޖެޓުން 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް