ލ. އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ އެއާޕޯޓުގެ މަޝްރޫއަށް 600 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްތަލިބު މިހެން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ރަށްރަށުގެ ތަފްސީލާއި، އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ފައިސާގެ އަދަދު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ލިޔުމުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާ ފަސް އެއާޕޯޓް މަޝްރޫއު ނިންމުމަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، އިސްދޫ-ކަލައިދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަދި އެއްވެސް ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައި ނުވާތީ، އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މި އެއާޕޯޓު އިސްދޫ/ކަލައިދޫގައި އަޅުއްވާނެކަން ސަރުކާރުން ރަސްމީކޮށް އިއުލާންކުރެއްވީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.




