ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ 11 ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫޢު މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެވެ. މާގިރި ހޮޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
ޑިޒައިން، ބިލްޑް އަދި ސަޕްލައި އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ދ. ހުޅުދެލި، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. މަމެންދޫ އަދި ގދ. ރަތަފަންދޫގައެވެ.
މި އެއްބަސްވުމުގެ ދަށުން 30 ޓަނުގެ އައިސްޕްލާންޓްތައް ފަރުމާކުރުމާއި، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ޓިއުބް އައިސް ނިޒާމުތައް ފޯރުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ޕްލާންޓްތައް ބިނާކޮށް، ހަރުކޮށް، ޓެސްޓުކުރުމަށްފަހު އޮޕަރޭޝަނަށް ގެނައުމާއި، ވޮރަންޓީއާއި އާފްޓަރ-ސޭލްސް ޚިދުމަތް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަސްވެރިންނަށް ދިމާވެފައިވާ އައިސް ހޯދުމުގެ ދަތިތަކަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ހައްލެއް ލިބި، އައިސް ހޯދުމަށް ކުރަންޖެހޭ ދުރު ދަތުރުތަކާއި ހޭދަވާ ވަގުތު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.




