ސަރުކާރު ބަދަލުވުމާއެކު ރަސްމާލޭގެ "ހުރިހާ އެއްޗެއް" ބާތިލުވާނެ: ޔާމީން

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދީގެން ހިންގާ މަޝްރޫއަށް އިޝާރާތް ކުރައްވައި، ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތާ ގުޅޭ "ހުރިހާ އެއްޗެއް" ބާތިލުވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، އީގަލްސް ހިލްސްއަށް ރަސްމާލޭގެ ބިން ހަވާލުކުރާ ހިސާބުން އެ ސަރަހައްދުން ރާއްޖޭގެ ބާރާއި ސިޔާދަތު ކެނޑިގެންދާނެއެވެ. އަދި ރަސްމާލެއަކީ ދިވެހި ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ބިމެއް ކަމަށް ސިފަކުރައްވައި، އެ މަޝްރޫއާމެދު ޒުވާނުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ސާވޭއެއް ހަދައި ސޮއި ހޯދުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ސާވޭގައި ބައިވެރިވާ ޒުވާނުންނަށް ވެރިކަން ބަދަލުވުމުން އެންމެ ފުރަތަމަ ބިން ލިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތައް އަޅުއްވާނެކަން ހާމަކުރައްވާފައެވެ. މީގެއިތުރުން، އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމުކޮށްގެން ކަމަށާއި، މި އިންވެސްޓްމަންޓުން ދިވެހީންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް