އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް 58 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައަޅާފައި ނުވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.
މަޖިލީހަށް ފޮނުއްވި ލިޔުމުގައި މިނިސްޓަރު ވިދާޅުވީ، ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި 58,831,473,267 (58.8 ބިލިއަން) ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަހަރު މަޝްރޫއުތައް ހިންގަން ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓަކުން ކަމަށްވާތީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް ބަޖެޓު ހަމަޖައްސައިދެނީ ފިނޭންސް މިނިސްޓްރީންނެވެ.
މި އަހަރު ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ހަރަދުވާނެ މިންވަރު ސީދާ އެނގެން ނެތުމާއި ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައި ނުވާތީ، ބަޖެޓު ފާސްކުރި މަރުހަލާގައި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، "އަހާ" ފޯރަމްގައި ފިނޭންސް މިނިސްޓަރު ވަނީ މިހާރު ވެސް 1,273 މަޝްރޫއެއްගේ މަސައްކަތް ހިނގަމުންދާ ކަމަށާއި، އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.




