މެފެޑްރޯން ޓްރެފިކްކުރި މީހަކު 14 އަހަރަށް ޖަލަށްލައި، ފައިސާ ދައުލަތަށް ނަގައިފި

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މެފެޑްރޯން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، މއ. ޑެނިޔުބް، ހުސައިން ޔާމީން އިބްރާހީމް 14 އަހަރާއި 11 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް މި ދައުވާ އުފުލީ، އިތުރު ބަޔަކާއެކު އޭނާ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން މަގުމަތިން ދަނިކޮށެވެ. އެއަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، ކޮޓަރީގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި މެފެޑްރޯން ވަނީ ފެނިފައެވެ.

މީގެ އިތުރުން، އޭނާގެ ޖީބުގައި އޮތް ވޮލެޓުން 5،105 ރުފިޔާއާއި، ކޮޓަރީގެ ކަބަޑުމަތިން 35،010 ރުފިޔާ އަދި ސެލްފް މަތިން 50،025 ރުފިޔާ ފެނިފައިވެއެވެ.

ޖުމްލަ 90،140 ރުފިޔާއަކީ ކިހިނެއް ހޯދި ފައިސާއެއްކަން އޭނާއަށް ބުނެދެވިފައި ނުވާތީ، އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ނިންމައި، އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ކުރި ދައުވާއަށް ޔާމީން ވަނީ އިއުތިރާފުވެފައެވެ. އަމިއްލަ އިއުތިރާފުން ކުށް ސާބިތުވުމާ ގުޅިގެން، ޖަލު ހުކުމުގެ އިތުރުން 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ކޯޓުން ވަނީ އަންގާފައެވެ.

އަދި ކޮޓަރިން ފެނުނު 90،140 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް