ސެވިއްޔާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ސެވިއްޔާގެ މައްޗަށް މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ ތާވަލުގެ ދެވަނައިގައި 22 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ އެއް ޕޮއިންޓް ފަހަތުން، ލީގުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި 27 ޕޮއިންޓާއެކު މިވަގުތު އޮތީ ބާސެލޯނާއެވެ.

މެޗުގެ 30 ވަނަ މިނިޓުގައި ތުރުކީގެ ޒުވާން ކުޅުންތެރިޔާ އަރދާ ގުލާ ވަނީ ރެއާލް މެޑްރިޑަށް ލީޑު ހޯދައިދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، 37 ވަނަ މިނިޓުގައި ކީލިއަން އެމްބާޕޭ ވަނީ ސެވިއްޔާގެ ދެ ޑިފެންޑަރުންނާއި ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން، ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ ޓީމުގެ ލީޑު 3-0 އަށް ފުޅާކޮށްދީފައެވެ.

މެޗުގެ ފަހުކޮޅު އެމްބާޕޭ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި، ސެވިއްޔާގެ މަނޫ ބުއެނޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، ޔާން ޑިއޮމާންޑޭ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ރެއާލް މެޑްރިޑަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކުރިއަށް އޮތް ހަފުތާގައި ވާދަވެރި "އެލް ކްލެސިކޯ" މެޗާ ކުރިމަތިލުމުގެ ކުރިން، ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ނުކުންނާނީ އާރްބީ ލައިޕްޒިގާ ދެކޮޅަށެވެ.

ރިއެކްޝަންސް

ކޮމެންޓް