އދ. ދަނގެތީ ބަނދަރު ތަރައްޤީކުރުން: ކީ-ވޯލް ބްލޮކްސް ހަރުކުރަން ފަށައިފި

އދ. ދަނގެތީ ބަނދަރު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކީ-ވޯލް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ފުޅާ ދާއިރާއެއްގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އެގޮތުން 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ އިތުރުން، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ސަރަޙައްދާއި، 33،600 ކިއުބިކް މީޓަރުގެ ނެރު އަދި 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ރަށުގެ ގޮނޑުދޮށާއި ބަނދަރުގެ ވަސީލަތްތައް ހަރުދަނާކުރުމުގެ ގޮތުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި އުޅަންދަފަހަރަށް ފަސޭހައިން ކައިރިކުރެވޭނެ ގޮތަށް 11 މީޓަރުގެ ކޮންކްރީޓް ރޭމްޕަކާއި، 35 މީޓަރު ދިގު، 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ. އެއާއެކު 3،052 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހަދައި، މަގުބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 71.16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ސައިޓް މޮބިލައިޒްކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.

އެމްޓީސީސީން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢު ނިމިގެންދިއުމާއެކު ދަނގެތީގެ ބަނދަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ އިޤްތިޞާދީ އިޖުތިމާޢީ ޙަރަކާތްތަކަށާއި، ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެގެންދިއުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް