ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. މިއީ 10 އަހަރަށްފަހު ދިވެހި ދައުލަތުގެ ވެރިއަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ "ދަ ނިއުސް.ޕީކޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަތީ ފެންވަރުގެ ވަފުދަކާއެކު ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅަށް އެ ގައުމުން އަންނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ތައްޔާރީތައް ފެށުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އާއި އެއްބަސްވުންތައް ހިމެނޭހެން 12 ކަމަކާ ގުޅޭގޮތުން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުންތައް ސޮއިކުރުމާއި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ:
-
ވިޔަފާރި އާއި އިންވެސްޓްމެންޓް
-
ސިއްހަތާއި ތައުލީމު
-
މޫސުމަށް އަންނަ ބަދަލުތައް (ކްލައިމެޓް ޗޭންޖް)
-
ޓޫރިޒަމާއި ސިވިލް އޭވިއޭޝަން
-
ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން
މީގެއިތުރުން، ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (ސާކް) އަށް އަލުން ދިރުން ގެނައުމާ ބެހޭގޮތުންވެސް ދެ ގައުމުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.




