މިހާތަނަށް 34 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފި: މީޑިއާ ކޮމިޝަން

ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމުގެ އައު ގަވާއިދުގެ ދަށުން، މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަސްމީކޮށް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ.

ކޮމިޝަނުން އެކްސްގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު ހަމަވާން 9 ދުވަހަށް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 140 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ އައުކުރުމަށް ހުށަހެޅި 66 ފޯމާއި، އަލަށް ރަޖިސްޓްރީވުމަށް ހުށަހެޅި 67 ފޯމު ހިމެނެއެވެ.

މީގެ ތެރެއިން ޝަރުތު ހަމަވެގެން 34 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އެކި ސަބަބުތަކާހުރެ 18 ފޯމެއް ވަނީ ބާތިލުކޮށްފައެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ މުއްދަތުގެ ކުރިން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ އައު ގަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް ކޮމިޝަނުން ބުނެފައިވާއިރު، އެ މުއްދަތުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ މީގެކުރިން އަދާކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުންނެވެ. ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނާއެކު އެ ކޮމިޝަން އުފެދި، އެ ޒިންމާ ކޮމިޝަނާ ހަވާލުކުރުމާ ގުޅިގެން، ކޮމިޝަނުން ވަނީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ އައު ގަވާއިދެއް އެކުލަވާލައި ޝާއިޢުކޮށްފައެވެ.

މި ގަވާއިދުގެ ދަށުން، މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކުން ވެސް ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީވެ، މަޢުލޫމާތު އަދާހަމަކުރަން ޖެހެއެވެ.

އައު ގަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލްއެވެ. މި ބާވަތްތައް ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގުމުގެ ފުރުޞަތު ލިބެއެވެ. މީގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން ލިބެއެވެ.

ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދެނީ 5 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭއިރު، ނޫސް މަޖައްލާއެއްގައި ލިޔުން ޝާއިޢުކުރުން ހުއްޓާލާތާ 12 މަސް ދުވަސް ވެއްޖެނަމަ، އެތަނެއްގެ ރަޖިސްޓްރީ އޮޓޮމެޓިކުން ބާތިލުވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް