މ. މުލީގައި ތަރައްޤީކުރާ ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ފައުންޑޭޝަން ޓައިބީމް ރީއިންފޯސްމަންޓް މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ޓައި ބީމްތަކުގެ ދަގަނޑު ބަނުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ދަށުން މުލީގައި ތަރައްޤީކުރަނީ ޒަމާނީ ފެންވަރުގެ 4 ފަންގިފިލާގެ، 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި ހޮސްޕިޓަލް ޢިމާރާތުގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްސަ ވަކި އޮފީސް ޢިމާރާތެއްވެސް މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭނެއެވެ.
އައު ޢިމާރާތުގައި ކޮންސަލްޓޭޝަން ރޫމްތަކާއި، އޮޕަރޭޝަން ތިއޭޓަރާއި، އިމަޖެންސީ ރޫމް (އީ.އާރް)، އެން.އައި.ސީ.ޔޫ އަދި ކުޑަކުދިންގެ ވޯޑު ހިމެނޭނެއެވެ. މީގެ އިތުރުން ޑެންޓަލް، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ ޚިދުމަތާއި، ޕްރައިވެޓް ރޫމްތަކާއި، މީޓިންގ ރޫމްތަކާއި ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއްވެސް މި ޢިމާރާތުގައި ހިމެނޭނެއެވެ.
މުލަކަތޮޅަކީ ގާތްގަނޑަކަށް 7،400 މީހުންގެ އާބާދީއެއް އޮތް އަތޮޅެކެވެ. މިހާރު އެ އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދަމުން އަންނަނީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ މުލީ ރީޖަނަލް ހޮސްޕިޓަލުންނެވެ. އެ ޢިމާރާތް ވަރަށް ބޮޑަށް ބާވެ، ބޭނުންކުރަން ދަތިވާ މިންވަރަށް ޙާލަތު ދަށަށް ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
މި އައު ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، މ. އަތޮޅުގެ ރައްޔިތުންނަށާއި އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




