ސައިބަރ ކުށުގެ މައްސަލަތައް ދެގުނައަށް އިތުރުވެއްޖެ: ސީޕީ

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓްކުރެވުނު ސައިބަރ ކުށުގެ މައްސަލަތައް، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިކަން ހާމަކުރެއްވީ، ކޮންމެ އަހަރަކު އޮކްޓޫބަރު މަހު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ސީޕީ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުންދާއިރު، ސައިބަރ ކުށްތަކުގެ ނުރައްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށެވެ. ފުލުހުންނަށް ހުށަހެޅޭ ސައިބަރ ކުށްތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްޙަނޫން މެސެޖާއި އަޑާއި ވީޑިއޯ އުފައްދައި ރައްޔިތުން މަޅީގައި ޖެއްސުމުގެ ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރަމުންދާކަން ސީޕީ ބަޔާންކުރެއްވިއެވެ. މިއީ ހަމައެކަނި ފަރުދުންގެ މާލީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މުއައްސަސާތަކުގެ އިތުބާރާއި ޤައުމުގެ އިގްތިސާދާއި ޤައުމީ ސަލާމަތާ ގުޅިފައިވާ ސީރިއަސް މައްސަލައެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

"ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެ ވެސް ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލެވެ. ސައްޙަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ،" ސީޕީގެ މެސެޖުގައިވެއެވެ.

ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ފުލުހުން ދަނީ ޒަމާނީ ވަސީލަތްތައް ހޯދައި ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރަމުން ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް، މިއީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގައި މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެންކަމުން، ވަރުގަދަ ޕާސްވޯޑާއި "ޓޫ-ފެކްޓަރ އޮތެންޓިކޭޝަން" ބޭނުންކުރުމަށާއި، އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އާންމުންގެ ޑޭޓާ ރައްކާތެރިކޮށް، އައިޓީ ނިޒާމުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ސީޕީ ގޮވާލެއްވިއެވެ.

މި މަހު މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ސީޕީ ހުރިހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ. އަދި އާއިލާތަކުގެ ތެރޭގައި ދަރިންނާއި، މިފަދަ ކުށްތަކަށް ފަސޭހައިން ހުށަހެޅޭ އުމުރުން ދުވަސްވީ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް