އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަންހެނަކު ހިމެނޭ ގޮތަށް 9 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން، މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު އެ ގެތަކުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ، ޢަލީ ވަސީމެވެ.
މީގެ އިތުރުން ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުޙައްމަދު (29އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން (27އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަޙްމަދު އިކުލީލް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދުގެ ބަންދަށް ޖަހާދީފައިވަނީ ފަސް ދުވަހެވެ. ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ތަޙުޤީޤުކުރަމުން ދާ ކަމަށެވެ.




