ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އާ ތިން މިސްކިތެއް ހުޅުވާނެ: މިނިސްޓަރު ޝަހީމް

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އަލަށް ބިނާކުރަމުންދާ ތިން މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، ނަމާދުކުރާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މި މިސްކިތްތަކުގެ މަސައްކަތް ނިންމައި އަވަހަށް ޚިދުމަތް ދިނުމަށް ބާރަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން، ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު މާޔާ"ގެ އަމަލީ މަސައްކަތް ނިންމައި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް އަމާޒުހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރާ "މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ)" އާއި، ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތްވެސް ރަމަޟާން މަސް ފެށުމުގެ ކުރިން އާންމުންނަށް ހުޅުވައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ވުޒާރާއިން ބުނާ ގޮތުގައި، މީގެ ތެރޭގައި ޢަމަލީ މަސައްކަތް މުޅިން ނިމިފައިވާ މިސްކިތްތަކާއި، މިއަހަރުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވި ބާރަށް ކުރިއަށްދާ މަޝްރޫޢުތައް ހިމެނެއެވެ.

ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، މި މިސްކިތްތަކާއެކު، ހާއްސަކޮށް ރަމަޟާން މަހު ހުޅުމާލޭގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް