ދައުލަތުގެ މުއައްސަސާތަކުން ޔަގީންކަން ދިނުމުން، 35 ގަޑިއިރަށްފަހު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އާންމުންނަށް ކުރިމަތިވަމުންދިޔަ އުނދަގޫތަކުގެ މައްސަލައަށް ހައްލެއް ނުލިބިގެން ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެއްޓެވި މުޙައްމަދު ސައީދު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޔަގީންކަން ދިނުމުން 35 ގަޑިއިރަށްފަހު ހަޅުތާލު ނިންމާލައިފިއެވެ.

ސައީދު ހަޅުތާލު ފެއްޓެވިތާ 10 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެކަމުގައި ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިޙްސާންގެ އިތުރުން ކަމާބެހޭ ފަރާތްތަކުން އެ މައްސަލައިގައި ކުރިއަށްދިއުމަށް ފުރިހަމަ އެހީތެރިކަމާއި ޔަގީންކަން ދެއްވާފައިވާތީ ހަޅުތާލު ނިންމާލާފައިވާ ކަމަށެވެ. އަދި އެ ވައުދުތައް ފުރިހަމައަށް ތަންފީޒުވަމުންދޭތޯ ބަލަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، އުނދަގޫކުރާ މީހާއަކީ ސައީދުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އަދި އެ މީހާގެ މައްސަލަ ހުށަހަޅާ ކޮންމެ ފަހަރަކު ގާނޫނީ ފިޔަވަޅު އަޅައި، މީގެ ކުރިންވެސް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި، ނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

ކޮމެންޓް