ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީޖީ) ގެ މިއަހަރުގެ އަހަރީ ބައްދަލުވުންތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުންތައް ބޭއްވީ މިމަހުގެ 12 އިން 18 އަށެވެ. މިއީ ދުނިޔޭގެ މާލީ އިދާރާތަކާއި އެކި ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
އެމްއެމްއޭގެ ވަފުދު އިސްވެ ލީޑުކުރެއްވީ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއެވެ. ވަފުދުގައި ދެން ހިމެނެނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ - ބޭންކިންގ އެންޑް މާކެޓް އޮޕަރޭޝަންސް، ޢާއިޝަތު ނާދިޔާ، އިކޮނޮމިކް ސަވައިލަންސް އެންޑް ފޯކާސްޓިންގ ސެކްޝަންގެ އިކޮނޮމިސްޓް ޟަޙާ ޝުޢައިބު، ބޭންކްސް އޮފްސައިޓް ސުޕަވިޜަން ސެކްޝަންގެ މެނޭޖަރ ފަޞާޙަތު ޞަބީޤު އަދި ގަވަރުނަރުގެ އޮފީހުގެ އެސިސްޓެންޓް މެނޭޖަރ މޫހަތު މުޙައްމަދު ރަޝީދެވެ.
މި ދަތުރުގެ ތެރެއިން އެމްއެމްއޭގެ ވަފުދުން ވަނީ އައިއެމްއެފް، ވޯލްޑް ބޭންކް ގްރޫޕް، ސަރަޙައްދީ ބައިވެރިން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިޤްތިޞާދީ ދާއިރާގެ އެހެނިހެން މުހިންމު ފަރާތްތަކާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދުނިޔޭގެ އަދި ސަރަޙައްދީ ފެންވަރުގައި އިޤްތިޞާދީ އަދި މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށެވެ. މީގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
އަހަރީ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި 18 ވަނަ އަހަރީ "ޖީ-24/އޭއެފްއައި ޕޮލިސީމޭކާސް ރައުންޑްޓޭބަލް" ގައި ޑެޕިއުޓީ ގަވަރުނަރު އަސްނާ ވަނީ ތަގުރީރުކުރައްވާފައެވެ. މާލީ ޚިދުމަތްތަކުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމުގައި ކްރިޕްޓޯ އެސެޓްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މި ދާއިރާއިން ހަމަހަމަ އަދި ވަޒަންކުރެވިފައިވާ އުޞޫލެއް ގެންގުޅުމުގެ މުހިންމުކަން އަސްނާ ފާހަގަކުރެއްވިއެވެ.
އަސްނާ ވިދާޅުވީ، މާލީ ޝާމިލުކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ބައްޓަންކުރަންވާނީ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި، ފައިސާއާއި މާލީ ނިޒާމުގެ ހަމަޖެހުމަށް ބޭނުންވާ މިންގަނޑުތަކާ އެއްވަރުގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ނަތީޖާ ނެރެދެވޭ ފަދަ ހަރުދަނާ ރެގިއުލޭޓަރީ އަދި ޤާނޫނީ އޮނިގަނޑުތަކެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާނެކަން ވެސް އަސްނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މާލީ ދާއިރާގެ އެންމެ ބޮޑު މި ބައްދަލުވުމުގައި ބައިވެރިވުމަކީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާ އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށް އެމްއެމްއޭއިން ދެކެއެވެ.




