ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، ޕްރައިމަރީގެ ކެމްޕޭން މަސައްކަތްތައް ކުރިއަށް ގެންދަވަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް މިދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު. އެގޮތަށް މަސައްކަތްކުރަމުން މިދަނީ،" ސޯލިހު ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެކި ބައްދަލުވުންތައް ބާއްވަމުންދާ ކަމަށާއި، އެގޮތުން އާއްމުކޮށް ބާއްވާ ބައްދަލުވުމެއްގެ ގޮތުގައި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވީ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިޢުލާނުކުރެއްވީ މި މަހުގެ 8 ވަނަ ދުވަހެވެ. ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ޕާޓީގެ ޓިކެޓް ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ސާބިތުވެ ހުންނަވައި، އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރުގަދައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ފައިސަލް އިތުރަށް ވިދާޅުވިއެވެ.
ފައިސަލް ނަސީމްގެ އިތުރުން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއީދުކުރައްވާފައެވެ. ޕާޓީގެ އިސް ސަފުގެ ބޭފުޅުންގެ މެދުގައި ވެސް މިހާރު ވަނީ އެކި ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމުގައި ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.




