މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު ޖުމްލަ 7،340 ކޮންސައިންމަންޓުގެ މުދާ ކްލިއާކޮށްފައިވެއެވެ. އޭގެ ތެރޭގައި 5،673 ކޮންޓެއިނަރު ކޮންސައިންމަންޓާއި 1،667 ކޮންވެންޝަނަލް ކޮންސައިންމަންޓް ހިމެނެއެވެ.
މި މުއްދަތުގައި ޖުމްލަ 178،197 ޓަނުގެ މުދާ ކްލިއާކޮށްފައިވެއެވެ.
އަވަހަށް ހަލާކުވާ މުދަލުގެ ތެރެއިން އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 77،595 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 41،122 ޕެކޭޖުގެ ފިޔާ، 39،582 ޕެކޭޖުގެ ކަރާ، 23،610 ޕެކޭޖުގެ އަލުވި އަދި 17،102 ޕެކޭޖުގެ ޓޮމާޓޯ ކްލިއާކޮށްފައިވެއެވެ. މީގެ އިތުރުން ދޮންކެޔޮ، ކެބެޖު، އަލަނާސި، ބަރަބޯ އަދި ބަށި ފަދަ ގިނަ ބާވަތްތަކެއްގެ މުދާވެސް ކްލިއާކޮށްފައިވެއެވެ.
ކޮންޓެއިނަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، 7،139 ޓީއީޔޫ އަންލޯޑްކޮށް، 7،386 ޓީއީޔޫ ލޯޑްކޮށްފައިވެއެވެ. މިގޮތުން ޖުމްލަ ތްރޫޕުޓް ޓީއީޔޫގެ ގޮތުގައި 14،525 ރެކޯޑުކުރެވިފައިވެއެވެ.
ފާއިތުވި މަހު މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން 26 ކާގޯ އުޅަނދަކާއި 14 ކޮންޓެއިނަރު ބޯޓު ބަނދަރުކޮށްފައިވެއެވެ.
ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލް އިން ކޮންމެ މަހަކުވެސް ކްލިއާކުރާ މުދަލުގެ ތަފާސްހިސާބު އާންމުކުރަމުން ގެންދެއެވެ.




