ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ އުވާލައި އެ ކުންފުނިން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި، ހއ. އަތޮޅުގެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުންނެވެ. އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ހއ. އަތޮޅުގެ އިތުރުން، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ ޚިދުމަތާ ވެސް ސްޓެލްކޯއިން ވަނީ މިހާރު ހަވާލުވެފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ވެސް މިހާރު ޚިދުމަތް ދޭން ފަށާފައިވާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.




