އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލަ ނުބެލިގެން، ހެންވޭރު ޕޮލިސް ސްޓޭޝަނުގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އާންމުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުގެ މައްސަލައަށް ދޮޅު އަހަރުވީއިރުވެސް ހައްލެއް ނުލިބޭތީ، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފިއެވެ.

ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ދޮޅު އަހަރު ކުރިން ފެށިގެން އެ މީހާގެ ފަރާތުން އޭނާގެ އާއިލާއަށާއި އަވަށްޓެރިންގެ އިތުރުން އެ ސަރަހައްދުގެ މަގުތައް ބޭނުންކުރާ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

އެ މީހާގެ ފަރާތުން ކުރިމަތިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ކަޝިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން ހަޅޭއްލެވުމާއި، މަގުމައްޗަށް ބައިސްކަލާއި ބޯޑުތައް ދަމައި މަގު ބަންދުކުރުން ހިމެނެއެވެ. މީގެ އިތުރުން ސައީދުގެ ގެއަށް ކުނި އުކުމާއި، ބެލްކަނިން މަގުމައްޗަށް ތެލާއި ފެން ޖެހުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ޖެހުމުގެ އިތުރުން ރޭގަނޑު މެދުނުކެނޑި އަޑުގަދަކޮށް ހަޅޭއްލެވުމާއި ހުއްދަނެތި އިމާރާތުގެ ތެރެއަށް ވަނުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގާކަން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް، ހެކިތައް ހުށަހެޅި ނަމަވެސް، މުއައްސަސާތަކުން އާއިލާއާއި އަވަށްޓެރިން ރައްކާތެރިކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން، އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިއަދު ހެނދުނު 8:00 އިން ފެށިގެން ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައިވާކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން އެކަމަށް އިންސާފުވެރި ހައްލެއް ހޯދައިދެންދެން ހަޅުތާލު ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސައީދު އެދިވަޑައިގަންނަވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާނޫނީ ވާޖިބު މުއައްސަސާތަކުން އަދާކޮށްދިނުމަށެވެ.

ރިއެކްޝަންސް

ކޮމެންޓް