އައްޑޫއަށް ޑައިމޯފިން އެތެރެކުރި މީހަކު 24 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 24 އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ ނ. ކޮމަންޑޫ، ވިނަރެސް، ހުސައިން ނަބީލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ފުލުހުން ނަބީލް ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓަކުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެ ދުވަހު ގަން އެއާޕޯޓުގެ އެރައިވަލް ޓާމިނަލް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ފްލައިޓުން ފައިބައިގެން ޑޮމެސްޓިކް އެރައިވަލް ހޯލަށް ވަތް ވަގުތު ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައެވެ. އޭނާގެ ހަށިގަނޑާއި އަންނައުނު ފާސްކުރިއިރު، އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ތަހުލީލުތަކުން އެ ތަކެއްޗަކީ ޑައިމޯފިންކަން ވަނީ ކަށަވަރުވެފައެވެ.

ކޯޓުގެ ހުކުމުގައި، ޖޫރިމަނާގެ 100،000 ރުފިޔާ ހުކުމްކުރި ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށްވެސް އަމުރުކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް