މާލޭގައި އަލަށް ބިނާކުރަމުންދާ އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ އާ އިމާރާތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މި މަޝްރޫއު ކުރިއަށް ގެންދާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފިއެވެ.
އާރްސީސީން ބުނީ އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަނާއި ފިނިޝިންގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންކްރީޓް ކުރުމާއި، ރާނުމާއި، ސިމެންތި ޖެހުމުގެ އިތުރުން ވޯޓަރޕްރޫފިން، ކުލަލުމާއި ދަގަނޑުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެމްއީޕީ (މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިން) އާއި އެޗްވީއޭސީ (އޭސީ ސިސްޓަމް) ގެ މުހިންމު މަސައްކަތްތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވަނީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އަލިފާން ނިއްވާ ނިޒާމާއި ލިފްޓު، އަދި ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އާރްސީސީން ބުނެއެވެ.
އެ ކުންފުނިން ބުނީ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ތައުލީމީ މަރުކަޒެއް ވަގުތަށް ނިންމައި ސަރުކާރާ ހަވާލުކުރުން ކަމަށެވެ.
8 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތަކީ 40 ކްލާސްރޫމުގެ ޖާގަ ހުންނަ އިމާރާތެކެވެ. މުޅި އިމާރާތް އޭސީ ކުރުމަށް ނިންމާފައިވާއިރު، އަންޑަގްރައުންޑް ޕާކިން ޒޯނެއްވެސް މި އިމާރާތުގައި ހިމެނޭނެއެވެ. އިމާރާތުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކުރެވިފައިވާއިރު، 2027 ވަނަ އަހަރު އެތަނުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވެއެވެ.
އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދޭ މަރުކަޒަކަށް ހަދައި، މާލެއިން ބޮޑު ބިމެއްގައި ޒަމާނީ އާ އިމާރާތެއް ބިނާކޮށް އެތަނަށް ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
ކުރިން މި މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، މި ސަރުކާރުން މި މަސައްކަތް އާރްސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 152,945,200.65 ރުފިޔާއަށެވެ. އާރްސީސީން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 17 ގައެވެ.




