ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޑަ ސާޖަރީއެއް ކުރަން ޖެހުމާއެކު، ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޖޭމްސްއަށް މި އަނިޔާ ލިބުނީ، އިންޓަނޭޝަނަލް ބްރޭކަށްފަހު މިދިޔަ ހުކުރު ދުވަހު ޗެލްސީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ތަމްރީނުތަކުގެ ތެރޭގައެވެ. 5-1 ގެ ނަތީޖާއަކުން ޗެލްސީން އެމެޗުން މޮޅުވި އިރު، އަނިޔާގެ ސަބަބުން ޖޭމްސް އެމެޗުގައި ކުޅެފައެއް ނުވެއެވެ.

ޗެލްސީން ބުނީ ބޯންމައުތު މެޗުގެ ކުރިން އަނިޔާގެ ތަފުސީލުތައް ހާމަކޮށްފައި ނުވަނީ ކަންކަން ޔަގީން ނުވާތީ ކަމަށާއި، ޔަގީންވުމާއެކު ކުޑަ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ޒަބީ އެލޮންސޯ ވަނީ ޖޭމްސްގެ ކަކުލުގެ ސާޖަރީ ކާމިޔާބު ކަމަށް ބުނެފައެވެ.

ޖޭމްސް އެނބުރި ކުޅުމަށް އާދެވޭނެ ސީދާ ތާރީޚެއް ކްލަބުން ކަށަވަރުކޮށް ނުދިން ނަމަވެސް، ގާތްގަނޑަކަށް ތިން މަސް ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި، މިއަހަރު ދެން ކުޅުމަށް އޭނާއަށް ނާދެވޭނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައިވެއެވެ. އަދި އަންނަ އަހަރުގެ މަހެއްހާ ދުވަސް ގެއްލިދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް ނޫސްތަކުން ބުނެއެވެ.

އެލޮންސޯ ބުނީ ޖޭމްސްއަށް އަނިޔާވުމަކީ ޓީމަށް ލިބުނު އިތުރު ނުތަނަވަސްކަމެއް ކަމަށާއި، މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމަށް ގެންގުޅޭ ޕްލޭންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މިދިޔަ ދެތިން ސީޒަނުގައިވެސް ޖޭމްސްއަށް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، މި ސީޒަނަށް ނުކުމެ ރަނގަޅު ފިޓްނަސްއެއްގައި ފެށި ޖޭމްސް ވަނީ އިންޓަނޭޝަނަލް ބްރޭކްގެ ސްކޮޑުގައިވެސް ފުރަތަމަ ހިމެނިފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާ ވަނީ ސްކޮޑު ދޫކޮށްލާފައެވެ.

ރިއެކްޝަންސް

ކޮމެންޓް