ގއ. ގެމަނަފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. މީގެ އިތުރުން، މަޝްރޫޢުން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
70.16 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 102,846 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެއެވެ. އޭގެ ތެރޭގައި މިހާރު އޮތް ބަނދަރުގެ 37,516 ކިއުބިކް މީޓަރުގެ ސަރަހައްދެއް މެއިންޓެނަންސް ފުންކުރުމާއި، އަލަށް އިތުރުކުރެވޭ 65,330 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ.
އަދި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 11 މީޓަރުގެ ބޭރުތޮށި ލުމާއި، 221 މީޓަރުގެ ވެލިބުރި ބޭރު ރިވެޓްމަންޓާއި 210 މީޓަރުގެ އެތެރެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީގެ އިތުރުން 405 މީޓަރުގެ އެއްގަމުތޮށި ލުމާއި، 2,635 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ފާލަމެއް އެޅުމުގެ އިތުރުން، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.
އާބާދީގައި 1,100 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގެމަނަފުށްޓަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ، ބޮޑެތި ގިނަ މަސްދޯނިފަހަރު އޮންނަ ރަށެކެވެ. މި މަޝްރޫޢު ނިމުމުން، މަސްދޯނިފަހަރަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ބަނދަރަށް ވަދެނިކުމެ ހެދުމަށާއި ލަފާފުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.




