އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިގެން ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ބައްދަލުވުންތައް ބާއްވަނީ އެރައިޒް މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުންނެވެ. މި ޕެކޭޖުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ އިތުރުން، ރަށްރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް އަޕްގްރޭޑް ކުރުމާއި، ކަރަންޓު ރައްކާކުރެވޭނެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ޤާއިމުކުރުން ހިމެނެއެވެ.
ވުޒާރާއިން ބުނީ، މި ބައްދަލުވުންތައް ބާއްވާ މައިގަނޑު ސަބަބަކީ މަޝްރޫޢުގެ ސަބަބުން ރަށްރަށަށް ލިބޭނެ ކުރިއެރުންތަކާއި، އިރުގެ އަލިން ހަކަތަ އުފެއްދުމުން ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރާނެ ފައިދާތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ.
މީގެ އިތުރުން، މަޝްރޫޢު ކުރިއަށްދާއިރު ރައްޔިތުންގެ މެދުގައި އުފެދިދާނެ ކަންބޮޑުވުންތަކާއި ޝަކުވާތައް ރަސްމީ ގޮތުން ހުށަހެޅޭނެ ނިޒާމު (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) އާ ބެހޭ މަޢުލޫމާތު ވެސް މި ސެޝަންތަކުގައި ވަނީ ހިއްސާކޮށްފައެވެ.
މި ސިލްސިލާގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި ލ. ކުނަހަންދޫގައެވެ.
މި ބައްދަލުވުންތަކުގައި ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ފެނަކަ އަދި ސްޓެލްކޯ ފަދަ ޔުޓިލިޓީ ޚިދުމަތްދޭ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، އެރައިޒް މަޝްރޫޢުގެ ފަންނީ ޓީމު ބައިވެރިވިއެވެ. ބައްދަލުވުމަށް ހާޒިރުވި ރައްޔިތުން ކުރި ސުވާލުތަކަށް މަޝްރޫޢުގެ ޓީމުން ޖަވާބުދީފައިވެއެވެ.
އެރައިޒް މަޝްރޫޢަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.




