ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: މިނިސްޓަރު ޝިޔާމް

ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ދަނޑުވެރިންނަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ އުފެދިފައިވާ ގޮތާއި ބިންތިރި ޖަޒީރާ ޤައުމަކަށް ވުމުން، އެހެން ޤައުމުތަކާ އަޅާބަލާއިރު ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމަކީ ލިބޭ ބޮޑު ފައިދާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑުބައި އަދިވެސް އެތެރެކުރަނީ ރާއްޖެއިން ބޭރުންނެވެ. އެގޮތުން، ތަރުކާރީއާއި މޭވާ އެތެރެކުރުމަށް އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހޭދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކަރާ އެތެރެކުރުމަށް އެކަނިވެސް 73 މިލިއަން ރުފިޔާ ހޭދަވާއިރު، ވޭތުވެދިޔަ އަހަރު ކެބެޖާއި ލެޓިއުސް ފަދަ ފަތްޕިލާވެލީގެ ބާވަތްތައް އެތެރެކުރުމަށް 105 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެހެންކަމުން، ރާއްޖޭގައި އުފެއްދެން ހުރި ކާބޯތަކެތި ބޭރުން ގެންނަ މިންވަރު ވީހާވެސް ކުޑަކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށާއި، މި ލަނޑުދަނޑި ޙާޞިލުކުރެވޭނީ ދަނޑުވެރިންނަށް ދޭ އެހީތެރިކަމާއި އެއްބާރުލުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. އެންމެ އިސްކަމެއްދީގެން ދަނޑުވެރި ކޮމިއުނިޓީތަކަށް ކޮށްދޭން މަސައްކަތް ކުރާ ކަންތައްތައް އެއީ. ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ތަޢުލީމާއި ވަސީލަތުގެ ގޮތުން ދަނޑުވެރިންނަށް ފޯރުކޮށްދޭ ކަންކަމާއި މާލީ ގޮތުން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކުރުން. ނުވަތަ އެކަންކަން ކޮށްދިނުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު،" މިނިސްޓަރު ވިދާޅުވިއެވެ.

ޤައުމުގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށާއި، މިއީ ހަމައެކަނި އިޤްތިޞާދީ ކަމެއްގެ އިތުރުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ޒަމާނީ ޓެކްނޮލޮޖީއާއެކު ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި ލުއި ލޯނު ފަދަ މާލީ އެހީތެރިކަން ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ އިތުރުން، ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރެ ވިއްކޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ރަށްރަށުން މާލެއަށް ތަކެތި އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ބޮޑެތި ފަޅުރަށްތަކުގައި ވިޔަފާރީގެ އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ދިވެހި ކުންފުނިތަކަށާއި ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކާބޯތަކެތި އެތެރެކުރުމަށް ބޭރުވާ ޑޮލަރު ޤައުމުގައި ހިފެހެއްޓި، އިޤްތިޞާދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޖަލްސާގައި، އައްޑޫ މީދޫގައި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށާއި ކާބޯތަކެތީގެ މައުރަޒުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކުރިއިރު، މިނިސްޓްރީގެ ފަރާތުން އައްޑޫ މީދޫ ކައުންސިލަށް ހަނދާނީ ފިލާއެއް ވެސް މިނިސްޓަރު ޝިޔާމް ހަވާލުކޮށްދެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް