އެމްޓީސީސީން ހިންގާ މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީ މަޝްރޫއުގެ މަސައްކަތްތައް ބާރަށް ކުރިއަށް

މާލޭ އުތުރު ފަރާތު ބަނދަރު (ނޯތު ހާބަރ) ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ ފިންގަރ ޖެޓީ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކަށް ބޭނުންވާ ކޮލަމް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ކޮލަމް ހަރުކުރުމުގެ މަސައްކަތާ އެއްވަރަށް ރީއިންފޯސްމަންޓް (ރޭނުމާއި ދަނޑިގަނޑު އެރުވުމުގެ) މަސައްކަތްތައްވެސް ބާރުމުވެއްދިކޮށް ކުރިއަށްދާއިރު، ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

18.98 މިލިއަން ރުފިޔާގެ ޚަރަދަކަށް އެމް.ޓީ.ސީ.އެމް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭ އުތުރު ބަނދަރު ސަރަހައްދަށް ދިމާވެފައިވާ ތާށިކަމަށް ލުޔެއް ހޯދައިދީ، ފަސޭހަކަމާއެކު ފަސިންޖަރުންނާއި އުޅަނދުފަހަރަށް ޚިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 25 މީޓަރުގެ ދިގު، 6 މީޓަރުގެ ފުޅާމިން ހުރި 3 ޖެޓީއާއި، 15 މީޓަރުގެ ދިގު، 6 މީޓަރުގެ ފުޅާމިން ހުރި 3 ޖެޓީ ހިމެނެއެވެ. މި ޖެޓީތައް ނިމުމުން، އެ ސަރަހައްދުގައި އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ކައިރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އާންމުންނަށް ފަސޭހަކަމާއި ރައްކާތެރި ކަމާއެކު އުޅަނދުފަހަރަށް އެރިކައިބު ވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މިފަދަ މަޝްރޫއުތަކަކީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގެ މަގުތަކާއި ބަނދަރު ސަރަހައްދުގެ ތާށິກަން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ.

ރިއެކްޝަންސް

ކޮމެންޓް