2029 ގެ ނިޔަލަށް އިސްލާމީ ވުޒާރާ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުކުރުމަކީ އަމާޒެއް: ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ 2029 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ މުއައްސަސާއަކަށް ހެއްދެވުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަގުފު މަޝްރޫއުތައް އިތުރަށް ހަރުދަނާކޮށް، އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ އެހެނިހެން ހިންގުމުގެ ހަރަދުތަކަށާއި ދީނީ ކަންކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މާލީ މުސްތަގިއްލުކަމެއް ހޯދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ޒަކާތުގެ ފައިސާ ޝަރުއީ ހަމަތަކުގެ މަތިން އޭގެ ހައްގުވެރިންނަށް މެދުނުކެނޑި ބަހަމުންދާނެއެވެ. އަދި ވަގުފު މަޝްރޫއުތަކުން ލިބޭ މަންފާ ހާއްސަކުރެވޭނީ އެ މަޝްރޫއުތަކަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ. އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފުގެ 8 މަޝްރޫއެއް ނިންމައި، ވުޒާރާގެ މާލީ ބިންގާ ވަރުގަދަކޮށް ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ދައުވަތު ފުޅާކޮށް، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމާއި، އިސްލާމީ ތައުލީމު ކުރިއެރުވުމުގެ އިތުރުން އިމާމުންނާއި ދީނީ އިލްމުވެރިން ބާރުވެރިކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްތަކާއި މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ގާބިލުކަން ވެސް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ވަޒީރު ސިފަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ ފުދުންތެރިކަން ހޯދައިދީ، ވަގުފުގެ ނިޒާމު އައު ހަރުފަތަކަށް ގެންގޮސް، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި ތަރިކައެއް ބިނާކުރުމަށް އެޅޭ ތާރީހީ އަދި އިންގިލާބީ ފިޔަވަޅެކެވެ.

ރިއެކްޝަންސް

ކޮމެންޓް