"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯއަށް ވޯޓްލާން ހުޅުވާލައިފި

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ހުށަހެޅުުނު ފަރާތްތަކުން ޝޯޓް ލިސްޓުކުރެވުނު 10 ލޯގޯއަށް އާންމުންގެ މެދުގައި ވޯټުލުމުގެ ފުރުސަތު ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ލޯގޯއެއް ފަރުމާކުރުމަށް ފުރަތަމަ ހުޅުވާލުމުން ޖުމްލަ 22 ލޯގޯއެއް ވުޒާރާއަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ފަނޑިޔާރުން އިވެލުއޭޓްކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ލޯގޯއެއް ވަނީ ޝޯޓްލިސްޓުކޮށްފައެވެ. މި ލޯގޯތަކަށް އާންމުންނަށް ވޯټުލެވޭނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުދިނުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ 00:00 އެވެ.

އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުން 60،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ މި މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މެދުގައި ފެއްޓެވި މި ޤައުމީ ކެމްޕޭނަކީ ދިވެހިންގެ ކިބައިން ގެއްލެމުންދާ އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމ्) އިން އިސްކޮށް ހަރަކާތްތެރިވަމުންދާއިރު، މިކަން ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ ކޮމިޓީއެއް ވަނީ އުފައްދާފައެވެ. އަދި މި ކެމްޕޭނުގައި ބައިވެރިވުމަށް ރާއްޖޭގެ މީޑިއާތަކަށް ހުޅުވާލެވުނު ފުރުސަތުގައި މިހާތަނަށް 34 މީޑިއާއަކުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް