ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީން މިސައިލް ހަމަލާތަކެއް ދީފި

ޔަމަނުގެ ދެކުނުގައިވާ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޙޫޘީން އަލުން މިސައިލް ޙަމަލާތަކެއް ދީފިއެވެ.

ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓަށް ދެވުނު ދެވަނަ ޙަމަލާގައި ފޮނުވާލި ދެ މިސައިލް ވެސް ވަނީ އެއާޕޯޓުގެ ސަރަޙައްދަށް ވެއްޓިފައެވެ.

މި ޙަމަލާ ދިނީ މިޞްރުގެ ޤާހިރާއަށް ދަތުރުކުރުމަށް ޔަމަނިއްޔާ އެއާވޭސްގެ ފްލައިޓެއް ނައްޓާލަން ތައްޔާރުވަމުންދިޔަ ވަގުތެއްގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިސައިލްތައް ވެއްޓުނީ އެ ބޯޓާ ގާތްގަނޑަކަށް 500 މީޓަރު ދުރުގައެވެ. ނަމަވެސް މި ޙަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ޙަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޢަދަންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދިން ޙަމަލާއެއްގައި 5 މީހުން މަރުވެ، 16 މީހުން ޒަޚަމްވެފައިވަނިކޮށެވެ.

މީގެ އިތުރުން، ސަޢޫދީގެ ތެޔޮ އެކްސްޕޯޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޔަންބުއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް، ސަޢޫދީ އަރަބިއްޔާ އިސްވެއޮންނަ ޢަސްކަރީ ކޯލިޝަނުން ވަނީ ވައިގެ ތެރޭގައި ވައްޓާލާފައެވެ. އަދި ރަތްކަނޑުގެ މަތިން ދަތުރުކުރި ދެ ކްރޫޒް މިސައިލާއި، ސަޢޫދީގެ ދެކުނު ސަރަޙައްދަށާއި ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ތިން ޑްރޯން ވެސް ކޯލިޝަނުން ވަނީ ވައްޓާލާފައެވެ.

ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން ޔަމަނުގެ މަޝްރަޙު އަލުން ގޯސްވެފައިވާއިރު، ޙޫޘީން ދަނީ ސަޢޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެޔޮ އުފައްދާ ވަސީލަތްތަކުގެ އިތުރުން، ޔަމަނު ސަރުކާރުގެ ކޮންޓްރޯލް ދަށުގައިވާ ރިޔާސީ ގަނޑުވަރަށް ވެސް ޙަމަލާތައް އަމާޒުކުރަމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިންސާނީ ނާޒުކު ޙާލަތު އިތުރަށް ގޯސްވެ، ކަންކަން ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ޙާލަތު ދަނީ ގޯސްވަމުންކަމުގެ އިންޒާރު އެހީދޭ ޖަމާޢަތްތަކުން ވަނީ ދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް