ސިނަމާލެ ބްރިޖުގެ ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 4:29 ހާއިރު، މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ހައިވޭގައި ޖަހާފައިވާ ޗެކްޕޯސްޓުގައި ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
އަނިޔާވި ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސައިކަލު ދުއްވި މީހާގެ މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގި ވަގުތު ހައިވޭގައި ތިބި އެހެން ފުލުހުން ވަނީ އެ ސައިކަލު ހުއްޓުވާފައެވެ. ސައިކަލު ދުއްވަން އިން ޒުވާނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ބާރު ސްޕީޑުގައި ދުއްވާ މީހުން ދެނެގަނެ އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފުލުހުން ވަނީ ރޭ މާލޭގެ ބޮޑުތަކުރުފާނު މަގާއި ސިނަމާލެ ބްރިޖު ހައިވޭގެ އިތުރުން ހުޅުމާލޭގެ މައި މަގުތަކުގައި ބެރިކޭޑް ޖަހައިގެން ވެހިކަލްތައް ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.




