ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އައްޑޫ މީދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒެއް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން ބޭއްވި މި މައުރަޒު ހުޅުވައިދެއްވި ރަސްމިއްޔާތުގައި، އެގްރޯނެޓްގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޞިނާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުދުއާއި މީދޫގެ ޑަބްލިޔޫޑީސީއަށް ހުޅުވާލައިގެން ބޭއްވި މި މައުރަޒުގައި، ހުޅުދުއާއި މީދޫގެ ޑަބްލިޔޫޑީސީން ވަނީ ކާބޯތަކެތި އުފެއްދުމުގައި ރަށުގެ ރައްޔިތުންގެ ހުރި ހުނަރުވެރިކަމާއި ބަދަހިކަން ދައްކުވައިދޭ ހުށަހެޅުންތަކެއް ދައްކާލާފައެވެ.
މިނިސްޓްރީން ބުނީ، މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ރަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުން ކަމަށާއި، މި މައުރަޒުގެ ތެރެއިން އައްޑޫގެ ގިނަ އަދަދެއްގެ އުފެއްދުންތައް ދައްކާލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީދޫ ކައުންސިލުން ބުނީ، މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމާއެކު، އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހާ ގުޅިގެން އައްޑޫ މީދޫގައި ހަރަކާތްތައް ފަށާފައިވަނީ އިއްޔެއެވެ. މި ހަރަކާތްތައް މާދަމާގެ ނިޔަލަށް ބާއްވަން ރާވާފައިވާއިރު، އެ ހަރަކާތްތަކުގައި މިނިސްޓަރު ޝިޔާމްގެ އިތުރުން މިނިސްޓްރީގެ އިތުރު ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރު ޝިޔާމް އައްޑުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މީދޫގައި ގާއިމުކޮށްފައިވާ ނާސަރީ ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.




