މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށާއި، އެ ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް، މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަށް ވަނީ ފެނިފައެވެ.
އެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން، އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން، އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، މާލޭގައި ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން ވަގަށް ނަގަން އުޅުނު އެހެން މައްސަލައެއްގައި ތިން ދިވެހިން ވެސް ފުލުހުން ރޭ ވަނީ ހައްޔަރުކޮށްފައެވެ.




