ރަސްމާލެ މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވެފައިވަނީ، އީގަލް ހިލްސްގެ ރަސްމާލޭ މަޝްރޫޢާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ވާހަކަތަކަކީ ކަނޑައެޅިގެން ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ، އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގައި، ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުން ލާޒިމްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމާއި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވާނެތީ، މިއީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއް ކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21 ގައެވެ. މި މަޝްރޫޢުގައި އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމައިފައިވެއެވެ.




