ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫޢު ހިންގި ނަމަވެސް، އެ ސަރަޙައްދުގައި ވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް ދޫކުރާ ސަރަޙައްދާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އެ ތަންތަނުގައި އޮންނާނެ ކަމަށެވެ. އަދި މި ނޫން ގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑަކީވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ބައި ވެސް ރާއްޖޭގައި ކުރިއަށްދާ އެހެން މަޝްރޫޢުތަކާ އެއްފަދަ ތަނެކެވެ. ރާއްޖޭގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ހުރިހާ ރަށެއްގެ އާންމު ސެކިއުރިޓީ ބަލަހައްޓަމުން ދަނީ އެ ފަރާތްތަކުން އަމިއްލައަށް ކަމަށާއި، ރަސްމާލެ ވެސް އެއާ ތަފާތު ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، އެ ހުރިހާ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެ ބާރު ފުރިހަމައަށް ހިންގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫޢުގެ ބާވަތުން ފުލުހުން އެ ރަށުގައި ޤާއިމުވެ ތިބެންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު އިޙްސާން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަންކަމުގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާނަމަ، މަޢުލޫމާތު ސާފުކުރުމަށްފަހު ޚަބަރު ފެތުރުމަށް ވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު، ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21 ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.




