ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޔޫއޭއީގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް ބުނީ، އެ ދެ ޕައިލެޓުން ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.
ރާއްޖެ އައުމުން އެއާޕޯޓުން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށް ގެނެސްގެން ސުވާލުކުރަމުން ދާ ކަމަށް ވެސް ތަރުޖަމާން ބުންޏެވެ.
އަދި އެ މީހުންނާ ސުވާލުކޮށް، މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރާނެ ކަމަށާއި، އެ މީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާނަމަ އެކަން އަންގާނެ ކަމަށް ޝިޔާމް ބުންޏެވެ.
އެ ދެ ޕައިލެޓުން ދުބާއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 3 ވަނަ ދުވަހެވެ. އެއަށްފަހު މިހާތަނަށް އެ މީހުން ތިބީ ޔޫއޭއީގެ ފުލުހުންގެ ހައްޔަރުގައެވެ.
ރިޕޯޓުތައް ބުނާގޮތުން، އެ ދެ ޕައިލެޓުންނަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މަތިންދާ ބޯޓު ހައިޖެކްކޮށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކުރެވޭ އުމާންގެ ކޯ-ޕައިލެޓް ހައްމާމް އަލް ހަމާނީއާ އެއް އިމާރާތެއްގައި ދިރިއުޅޭ ބައެކެވެ.
މިޑްލް އީސްޓް މޮނިޓާއިން، އިޒްރޭލުގެ ނޫހެއް ކަމަށްވާ "ކީޕާ"އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެ އާއިލާތަކުން އުޅެނިކޮށް، އެ މީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީން އެންގުމުން ކަމަށެވެ.
182 މީހުންނާއެކު ދަތުރުކުރި ބޯޓުގެ ކެޕްޓަނަށް ކޯ-ޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސިކިއުޓަރ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި، ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17،000 ފޫޓު ތިރިއަށް ވެއްޓިފައެވެ.
ނަމަވެސް ކްރޫންނާއި ފަސިންޖަރުން ވަނީ ކޯ-ޕައިލެޓް ހިފަހައްޓައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ. އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.
އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.




