ސީލައިފް ކުންފުންޏާ ގުޅޭ ޚިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސަލާމަތްވި އަޙްމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން ހައިކޯޓުގައި ކުރި އިސްތިއުނާފުގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.
މިދިޔަ އޭޕްރީލް މަހު ހައިކޯޓުގައި ހުށަހެޅި މި އިސްތިއުނާފުގެ ހުރިހާ އަޑުއެހުންތަކެއް ވަނީ އެންމެ ތިން ހަތަރު އަޑުއެހުމަކުން ނިންމާލާފައެވެ. ފަސް އަހަރާއި ހަ އަހަރު ވެފައިވާ ބޮޑެތި މައްސަލަތައް ހައިކޯޓުގައި ނުނިމި ހުރި ނަމަވެސް، މި މައްސަލަ ވަނީ އެފަދައިން އަވަސްކޮށް ނިންމާލާފައެވެ.
އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ބެއްލެވި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަނީޒެވެ. އިސްތިއުނާފު ފެށުމާއެކު ހައިކޯޓުން އައްމަޓީ ރާއްޖެއިން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން 2014 ވަނަ އަހަރު ސީލައިފް ކުންފުންޏާ ހަވާލުކުރުމުން، ފްލެޓް ވިއްކުމުގެ ނަމުގައި އެޑްވާންސް ފައިސާ ނަގައި ޚިޔާނާތްވި މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، އެއީ މަދަނީ މުއާމަލާތަކާ ގުޅޭ ކަމަކަށް ވާތީ، ޖިނާއީ ދައުވާތައް ސާބިތުނުވާ ކަމަށެވެ.
ތަހުގީގަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނިކޮށް، އައްމަޓީ ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައީ 2021 ވަނަ އަހަރުއެވެ. ބަންދުގައި ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ބަންދުން ދޫކޮށްލާފައެވެ.




