ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަމްދާން އަލީ ކާމިޔާބުކުރި ލަނޑުން ނިއުރޭޑިއަންޓަށް އަނެއްކާވެސް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެއެވެ.
މިއީ ލީގުގައި ނިއުރޭޑިއަންޓް ޖެހިޖެހިގެން 2-2 އިން އެއްވަރުވި ދެވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ވެސް 2-2 އިން އެއްވަރުވިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ. ދެވަނަ ހާފު ފެށިގެން މިނެޓެއްވެސް ނުވަނީސް، މުޒްދާން ހަސަން ތަނަވަސްކޮށްދިން ފުރުސަތަކުން އަހްޒަމް ރަޝީދު ކާމިޔާބުކުރި ލަނޑުން އޮޑި ސްޕޯޓްސް ލީޑު ނެގިއެވެ.
ޖެހިގެން އައި މިނެޓުގައި މުހައްމަދު ނާއިމް ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ގޮމޭޒް ވަނީ ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ 9 މިނެޓު ފަހުން، އަހްޒަމް އުފެއްދި ހަމަލާއެއްގައި އައިހަމް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުޒްދާން ހަސަން އަނެއްކާވެސް ލީޑު ނެގިއެވެ.
ނިއުރޭޑިއަންޓުން ބަލިނުވެ ސަލާމަތްވީ މެޗުގެ 88 ވަނަ މިނެޓުގައެވެ. ނާއިމް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލުކޮށް ކުޅެން އެރި ޑިފެންޑަރު އަމްދާން އަލީއެވެ.
މި ނަތީޖާއާއެކު ކުޅުނު 4 މެޗުން 8 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތީ ތާވަލުގެ 3 ވަނައިގައެވެ. 7 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް އޮތީ 4 ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތްއިރު، ދެވަނައިގައި އޮތީ ކުޅުނު 3 މެޗުން 9 ޕޮއިންޓު ހޯދާފައިވާ ކްލަބް އީގަލްސްއެވެ.




