ބޭރުމީހުންނަށް ބިން މިލްކުނުކުރެވޭ އިސްލާހު އެބައޮތް: ޔާމީން

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިމެއް މިލްކުނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަދިވެސް އެބައޮތް ކަމަށާއި، މިހާރުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ހިންގަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް އިޝާރާތްކުރައްވާފައެވެ.

އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެއެވެ. އަދި ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގާނޫނުއަސާސީގައި ވަކި އިސްތިލާހެއް އޮތުމަކުން ދައުލަތުން އެކަހެރިކޮށްފައި ރަސްމާލެ މަޝްރޫއު ހިންގާ ކަމަށް ވާނަމަ، ސަރުކާރުން އެ ކުރާ ކަމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުން ކަމަށެވެ.

އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށްޓަކައި ބައެއް ގާނޫނުތައް ހަދަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ވާހަކައަށް ވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

"މިކަން ކޮށް ނިންމައިފައި ގާނޫނު މި ހަދަނީ، އެހެންވީމާ އެބަ އެނގޭ މިއީ ގާނޫނީ ހަމަޔަކަށް ފެތިގެން ކުރާ ކަމެއް ނޫންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ކަމާބެހޭ ގާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރަނީ ރަސްމާލޭގައި ހިންގުމަށް ރާވައިފައިވާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކަމަށާއި، އެހެންކަމުން އެ މަޝްރޫއު ގާނޫނީ އެއްވެސް ހަމަޔަކަށް ނުފެތޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް