އިންޑިއާއިން ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސުވަޕް ރޯލްއޯވަރ ކޮށްދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ރޯލްއޯވަރ ކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން މި ނިންމުން ނިންމީ ކަމަށެވެ.

މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސާކް ގައުމުތަކަށް ޚާއްޞަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އޭޕްރީލް 2026 ގައެވެ.

2024 ވަނަ އަހަރުން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ވެވިފައިވާ ރުޕީސް ކަރަންސީ ސުވަޕް އިންތިޒާމުން، އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ. ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2012 ވަނަ އަހަރު މި އޮނިގަނޑު ތަޢާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޜަރީ ބޮންޑް ވެސް އިންޑިއާއިން ވަނީ ގަނެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ދައްކައި ހަލާސްކޮށްފައިވާއިރު، އެއަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.

ހައިކޮމިޝަނުން ބުނީ، މި ކަރަންސީ ސުވަޕް ފެސިލިޓީއާއި ޓީ-ބޮންޑް އަދި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދިޔަ ވަރަށް މުހިންމު އެހީއެއް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ގުޅުންތައް ތަންފީޒުކުރުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ބަޔާނުގައި ވަނީ ދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް