ކާބޯތަކެތީގެ ރައްކާތެރިކަން އެންމެންގެ ޒިންމާއެއް: ރައީސް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި އަގުހެޔޮ ކާބޯތަކެތި ކަށަވަރުކޮށްދިނުމަށްޓަކައި ޒަމާނީ އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

މިއަހަރުގެ ޝިޢާރު ކަމަށްވާ "އިންނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަދު ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަންކުރާނެ ކަންކަން ކަމުގައެވެ. އަދި އިޖާދީ އައު ވިސްނުންތަކާއި ރާއްޖޭގެ އުފެއްދުންތެރިންގެ ޢިލްމާއި ތަޖުރިބާ އެއްކޮށްލައިގެން މަސައްކަތްކޮށްފިނަމަ، ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމާއެކު، ޤައުމީ ފުދުންތެރިކަމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ޒަމާނީ ޓެކްނޮލޮޖީ ބަލައިގަނެ، ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކޮށް، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ވަސީލަތްތަކާ ގުޅިފައިވާ ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމާއި، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރާ އިންފްރާސްޓްރަކްޗަރ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އެކި ރަށްރަށުގައި މަޝްރޫޢުތައް ފަށާފައިވާ ކަމަށާއި، ބޭނުންނުކޮށް ހުރި ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތާޒާ މޭވާއާއި ތަރުކާރީ އުފެއްދުން އިތުރުކުރުމަށް ބާރުއަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރުވައި، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކޮންމެ ޢާއިލާއަކަށްވެސް ފައިދާހުރި، ހެޔޮއަގުގައި ލިބޭ ކާބޯތަކެތި ކަށަވަރުކޮށްދިނުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް