ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

ވަގުތީ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ކުއްލި ފަރުވާގެ ޚިދުމަތާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް މިހާރު ވަގުތީ އިމާރާތުން ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް ދަތުގެ ފަރުވާއާއި ފިޒިއޮތެރަޕީ އަދި ޑައިލިސިސްގެ ޚިދުމަތް އެ އިމާރާތަށް ބަދަލުކުރާނީ، އިމާރާތުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމުމުން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި އެ ޚިދުމަތްތައް އައިޖީއެމްއެޗްއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

ހުރިހާ ޚިދުމަތްތަކެއް ވަގުތީ އިމާރާތަށް ބަދަލުކުރުމާއެކު، އައު ހޮސްޕިޓަލުގެ އިމާރާތް އަޅާ ބިން ހުސްކޮށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ހަވާލުކުރާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

ވިލިމާލޭގައި މިހާރު ހިންގަމުންދާ ހޮސްޕިޓަލު ތަޅާލައި، އެ ތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ބިނާކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ހޮސްޕިޓަލުގެ އިމާރާތާއި ވަސީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.

ދެ އިމާރާތެއް ހިމެނޭ އައު ހޮސްޕިޓަލުގައި އައުޓް ޕޭޝަންޓް، އިން ޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައް ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ވަނީ ފަށާފައެވެ.

މިހާރުގެ ވިލިމާލެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުންކުރަނީ 5 އެނދެވެ.

ރިއެކްޝަންސް

ކޮމެންޓް