ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފައިވާ މުއާމަލާތަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން ކަނޑައަޅައި ހުކުމްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓުން 94,543,205.40 ރުފިޔާ ހަރަދުކޮށްގެން ގަނެފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ގެ ގޮތުގައި ފާހަގަކޮށްފައިވާ 25,011.43 އަކަފޫޓުގެ ބިމެކެވެ. މިއީ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި "ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ" އީގެ ގޮތުގައި އެޗްޑީސީން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި:
-
ހުޅުމާލޭގެ ބިންތައް ތަރައްގީކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު ލިބިފައިވާ އެޗްޑީސީން އެ ބިން ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް ދެފަރާތުގެ މެދުގައި އެއްބަސްވުން އެކުލަވާލައި މުއާމަލާތް ވަނީ ފުރިހަމަކޮށްފައެވެ.
-
ބިމުގެ އަގަށްވާ 94.5 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ އެއްކޮށް އެޗްޑީސީއަށް ދައްކައި خلاصކޮށްފައެވެ.
-
އިސްލާމީ ޝަރީއަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ކަމަށްވާ عقުދުވުމާއި، އިޖާބައާއި قبول ފުރިހަމަވެ، އެއްބަސްވި އަގު އެއްކޮށް އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ.
އެހެންކަމުން މުއާމަލާތް ފުރިހަމަވެ ފައިސާ ދައްކައި ނިމިފައިވާތީ، ހުޅުމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި ޝަރުއީ އަދި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.




