އައްޑޫ އަތޮޅު މީދޫގެ ދަނޑުވެރިންނާއި އާންމު ރައްޔިތުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެ ރަށުގައި ދަނޑުވެރިންގެ މާރުކޭޓެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މީދޫ ކައުންސިލުގެ އިސްނެގުމުގައި ގާއިމުކުރި މި މާރުކޭޓު ހުޅުވައިދެއްވީ، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މީދޫ ކައުންސިލުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގެންނެވި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ކައުންސިލުން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ބަންދު ދުވަސްތަކުގައި "ވީކެންޑް މާކެޓް" ގެ ނަމުގައި މި މާރުކޭޓު ކުރިއަށް ގެންދިއުމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމާއި، އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞާޘިރު ވިދާޅުވީ، މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލައަށް ތައްޔާރުކުރާ ތަފާތު ކާބޯތަކެތި ވިއްކުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށެވެ.
"ކައުންސިލްގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުން،" ޞާޘިރު ވިދާޅުވިއެވެ.
މާރުކޭޓުގައި ބައިވެރިވި ދަނޑުވެރިންނާއި ވިޔަފާރިވެރިން ވަނީ މިފަދަ ފުރުޞަތެއް ހަމަޖައްސައިދިނުމުން އުފާފާޅުކޮށް، ކައުންސިލްގެ އިސްނެގުމަށް ތައުރީފުކޮށްފައެވެ.




